އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ސިޔާސީ ކަންކަމުގެ ތެރެއަށް

އަޅުގަނޑު ސްކޫލް ދައުރުގެ ހަނދާނެއް މި މައުޟޫއަށް ލިޔުމަށް ހިތު ނިޔަތް ގަތް އިރަށް އަތުވެގެން ހިނގައްޖެއެވެ. ކޮން ހަނދާނެއްތޯއެވެ. އެ ޚިޔާލު މި މައުޟޫއަށް ލިޔަން ހިޔާލުކުރުމާއެކު މި އައީ ކީއްވެބާ އޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ޔަގީނުންވެސް އެ ކަމާ މި މައުޟޫއާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތީކަން ގައިމެވެ. އެ ހިޔާލަކީ ދިވެހި ކްލާސްގައި އަޅުގަނޑުގެ ދިވެހި މުދައްރިސް ނަގައިދިން ދިވެހި ފިލާވަޅެއްގެ ހަނދާނެއެވެ. އާދެ ކޮން ފިލާވަޅެއްތޯއެވެ. "އެޅިހާ ބަތަށް ރިހަ އެޅުން " ، " ޖެހިހާ ބެރަކަށް ނެށުން " މި ބަސް އަޅުގަނޑުމެންގެ މުދައްރިސު އަޅުގަނޑުމެން ކްލާސް ދަރިވަރުންނަށް މާނަ ކޮށްދިން ހަނދާނެއެވެ. " އެޅިހާ ބަތަކަށް ރިހަ އެޅުން " ، " ޖެހިހާ ބެރަކަށް ނެށުން " ބުނެވެނީ ކީއްވެގެންކަން ބުނެދެއްވި ހަނދާނެވެ.
އާދޭހެވެ. މި އަދު މި އޮތީ އެޅިހާ ބަތަކަށް ، ޖެހިހާ ބެރަކަށް ނަށަން ޖެހިފައެވެ. އަޅުގަނޑު މިހެން ބުނީމާ ތި ކިޔުންތެރިންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެންދާނެކަން އަޅުގަނޑަށް ޔަގީނެވެ. ހަމަ އެޅިހާ ބަތަކަށް ރިހަ އަޅުއްވާނަންތޯއެވެ. ގިނަ ކިޔުންތެރިން ގަދަފައި ވިއްދާފާ ، ކަނޑުގުރުވާ ނޫނީ ނުކާން މާކަނާ ބޯހޫރާލާ ހޫރާލާ އިންނަ ގޮތަށް ބުނާނީ ނުނެކޭ ކަން މެންދުރުގެ އިރު ފަދައިން އަޅުގަނޑަށް ކަށަވަރުވެގެން ދެއެވެ. މިވާހަކަ ބުނުމުގެ ކުރިން ތި ފަރާތްތަކުގެ ހާލަތަކީ އެއީ ކަމަށް ވެދާނެއެވެ. ވާހަކަތަށް ދިގުނުކޮށް ބުނަން އުޅޭ ވާހަކަ ވަރަށް ތިލަކޮށް ބުނެލާނަމެވެ.
އާދޭހެވެ! އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. އެއީ އަޅުގަނޑުމެންގެ ޚަޔާތުގެ ދިރުމެވެ. އުފަލެވެ. އަޅުގަނޑުމެންގެ ކެއުންތަށް ލޮނާ ނުލާ ފުރިހަމަ ނުވާ ފަދައިން ޚަޔާތެއް އެ ކުދިން ނެތިފުރިހަމަވެގެނެއް ނުދެއެވެ. އެ ދަރިންނަށްޓަކާ އަޅުގަނޑުމެން އަޅުގަނޑުމެންގެ ނިދި ނަގާނުލަންތޯއެވެ. އެ ދަރިންނަށްޓަކައި އެ ދަރިން ބޭނުންވެގެން ހޯދަން އެދޭ ތަކެތި އަޅުގަނޑުމެންގެ އެހެންކަންކަން މަޑުޖައްސާލައިފާ ނަމަވެސް ހޯދާ ނުދެންތޯއެވެ.  ތަންކޮޅެއް ފުޅާ ކޮށް ބޮޑުމަންޒަރަށް ބަލާފައި ލިޔާނަމަ ލިޔަން ޖެހެނީ އެއީ އަޅުގަނޑުމެންގެ މަގުޗާޓުކަމުގައެވެ. އެ ކުޑަކުދިންނަކީ މާދަމާ އަޅުގަނޑުމެންގެ މި ޤައުމު ހިންގަން ތިބި ފަހުލަވާނުންނެވެ. އެ ކުދިންނާ ނުލާ ޤައުމެއް ނޯންނާނެކަން ގައިމެވެ. އަޅުގަނޑު މި ދެންނެވީ ދޮގު ވާހަަކަތަކެއް ތޯއެވެ.  އާހޫ ޔެސް ނޫން އެއްޗެއް ޖަވާބަކަށް އައި ތޯއެވެ. އަޅުގަނޑު މި ތި ކިޔުންތެރިން ގާތަށް ފޮނުވި ބަތްތައްޓަށް ރިހަ ނޫން އެއްޗެއް އެޅުއްވުންތޯއެވެ
ރާއްޖޭގެ ސިޔާސީ މަޝްރަޙު މިއިން ޒަމާނަކުވެސް ހަލަބޮލި ނުވާވަރަށް މި ވަނީ ހަލަބޮލިވެފަައެވެ. އެ ހަލަބޮލިކަމުގެ ތެރެއަށް އަޅުގަނޑުމެންގެ ތެރެއިން އެތަކެއް ބަޔަކު ވަނީ ވަދެފައެވެ. ވާބޯ ޖަންގައްޔަކުން ނިކުންނަށް އެތަކެއް ޒަމާނެއް ނަގާ ފަދައިން މި ހަލަބޮލިކަމުން އަރައިގަނެ އެ ހަލަބޮލި ކަމުން ނިކުންނަން ވަރަށް ގިނަ ދުވަސްތަށް ނަގާނެއެވެ. މި ހަލަބޮލިކަމުގައި ސިޔާސީ އެކި ފަރާތްތަކުން އާންމުކޮށް ދައްކާ އެއްވާހަކަައަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ސިޔާސީ ކަންކަމުގެ ތެރެއަށް އެކި ފަރާތްތަކުން ވައްދާކަމުގެ ވާހަކައެވެ. ކުޑަކުދިން ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދާ އެ ކުދިންގެ ފުށުން ނާޖާއިޒު ފައިދާ ނަގަމުންގެންދާ ވާހަކައެވެ.
 އަޅުގަނޑުމެން ކުޑަކުދިންކަމުގައި މި ލިޔުމުގައި ފާހަގަކޮށްފައި އެވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި އުމުރުން 18 އަހަރުން މަތިކަމުގައިވީނަމަވެސް ސްކޫލް ދައުރު ނުނިމޭ ފަރާތްތަކަށެވެ. ސްކޫލް ދައުރުކަމަށް މި ބަލަނީ ޕްރީ ސްކޫލް ކުދިނުންފެށިގެން ގްރޭޑް 12 ހާ ހަމައަށް ކިޔަވަމުން ދާ އެންމެހާ ފަރާތްތަށް އިސްތިސްނާ ނުވާގޮތުގެ މަތީންނެވެ. އަޅުގަނޑު މި ދެންނެވި އުމުރުފުރައިގެ ކުދިން ނުވަތަ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ އަޅުގަނޑުމެންގެ ގިނަބަޔަކު ހިތްހަމަޖެހޭނެކަމެއް ނޫނެވެ. ހަމައެއާއެކު އެ ކުދިން ސިޔާސީ ހަރާކާތްތަކުގައި ބައިވެރިކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކޭ ފަރާތްތަށްވެސް މަދުނޫންކަމުގައި ދަންނަވަންޖެހެއެވެ. ސިޔާސީ ކަންކަމުގެ ތެރެއަށް އެކުދިން ވެއްދުމަކީ ރަނގަޅުކަމެއް ކަމުގައި ނުދެކޭ ފަރާތްތަކުން އެކަން އެ ގޮތަށް އެ ފާހަގަކުރަނީ އެކަމުގައި ގެއްލުންތަކެއް ހުރުމުންކަމުގައި ނުވެނުދާނެއެވެ. އަދި ސިޔާސީކަންކަމުގައި ކުޑަކުދިން ބައިވެރިކުރުމަކީ މުޙިއްމުކަމެއްކަމުގައި ދެކޭ ފަރާތްތަކުން އެ ގޮތަށް އެ ދެކެނީ ފައިދާތަކެއް ހުރުމުންކަމަށްވެސް ވެދާނެއެވެ. 07 ފެބުރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބޮޑުބަދަލާއެކު ކުޑަކުދިން ސިޔާސީކަންކަމުގައި ބޭނުންކުރާ ވާހަކަތަކުގެ އަޑު އެތަކެއް ގުނައަށްވަނީ އިތުރުވެފައެވެ. ޑޮކްޓަރ ވަހީދަށް ތާއިދުކުރާ ފަރާތްތަކުން ކަނޑަނޭޅި ރައީސް ނަޝީދުގެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމް.ޑީ.ޕީ ) އިން ކުޑަކުދިން ސިޔާސީކަންކަމުގައި ބައިވެރިކުރާކަން ފާހަގަކުރަމުން ދާއިރު އެމްޑީޕީއިން ވަނީ ޑޮކްޓަރ ވަހީދު އަދި މަދަނީ އިއްތިހާދުން ސިޔާސީ ކަންކަމުގައި ކުޑަކުދިން ބޭނުންކުރާކަމުގެ ޝަކުވާ ކުރަމުންނެވެ. އަދި އެއީ 30 އަހަރުގެ ހުދުމުޙުތާރު ގޮތްތަށް އަލުން ރާއްޖެއަށް އަނބުރާ އައުންކަމުގައި އެމްޑީޕިއިން ވަނީ ސިފަކޮށްފައެވެ.  މި ގޮތުގެ މަތީން ޑޮކްޓަރ ވަހީދު ރާއްޖޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެ މަނިކުފާނަށް މަރުޚަބާ ދެންނެވުމަށް އަދި ރައްޔިތުންނާ ބާއްވާ ބައްދަލުވުންތަކުގައި ކުޑަކުދިން ބައިވެރިކޮށްފައިވާކަން ފާހަގަކޮޮށްފައިވެއެވެ. އަދި އެއީ ތެދުކަން ރައީސް އޮފީހުގެ ވެބްސައިޓްއިން އެނގި ހާމަވާކަމަށް އެމްޑީޕީ އަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުންގެންދެއެވެ. ކޮންމެއަކަސް މި ހުރިހާ ފަރާތްތަކުގެ ވާހަކަތަކުންވެސް އެނގިގެންދާ އެއްކަމެއް އޮވެއެވެ. އެއީ ކުޑަކުދިން ސިޔާސީ ކަންކަމުގައި ބައިވެރިކުރެވޭ ކަމެވެ. މި ކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ޤަބޫލުކުރާ ފަރާތްތަކުން ބުނަމުންގެންދަނީ އަދަބު އިހުތިރާމުކުރަން ނޭނގޭ މި ޒަމާނުގައި ރާއްޖޭގެ ސިޔާސީ ވާހަކަ ދެކެވޭ ބަހުރުވައަކީ ޅ ބަހުރުވަ ކަމަށްވުމާއެކު އެކަމުގައި ކުޑަކުދިން ބައިވެރިކުރުމުން މިހާރަށްވުރެ ކުދިންގެ އަޙުލާޤު ދަށްވެގެން ދާނެކަމަށެވެ. މިކަމުގެ ސަބަބުން މަޔެއް ބަފައެއް ނޭނގި މުދައްރިސުންގެ ފަރާތުން އަޅުގަނޑުމެންގެ ހަޔާތް އުފާވެރިކުރުމަށްޓަކައި ދެއްވާ އަގުހުރި ނަސޭހަތްތަކާ ފިލާވަޅުތަކާ އެއްބާރުލުމާ އެހީތެރިކަމުގެ ކުރިމަތީގައި އެ ފަރާތްތަކުގެ އިސްތިއުފާއަށް ގޮވުމާއި، އެކަކު އެނެކަކަށް މުޙާތަބުކުރުމަށް ދީނުގައި އަންގަވައިފައިވާ ރިވެތި ގޮތާ ޚިލާފަށް ޅ ބަހުރުވައަކީ އައްމަތީ ބަހުރުވައަށް ވެގެންދާނެކަމަށް އެ ފަރާތްތަކުން ފާހަގަކުރަމުން ގެންދެއެވެ. އަދި ޓީޗަރ ކްލާސް އަށް އައިސް  ދަރިވަރު ކްލާސް އަށް ޙާޟިރުވެފައިވާކަން ދެނެގަތުމަށް ނަން ގޮވުމުން ރައްދުގައި މިހާރު ދެވެމުން އަންނަ " ލައްބަ މުދައްރިސު " ، " މަނީ މަނީ ޔެސް ސަރ " އަށް ބަދަލުވެގެން ހިނގައިދާނެކަމުގެ އިންޒާރު މި ފަރާތްތަކުން ދެއެވެ. އަޅުގަނޑަށް ފެންނަ މަންޒަރުތަކާއި އަޑުތަކަށް ބަލާއިރު މި ދެންނެވި ފަރާތްތަކުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ ވުން އެކަށީގެންވާ ކަންކަމެވެ. އަޅުގަނޑުމެންނަކީ ވަރަށް އަވަހަށް ކަންކަން ނަކަލުކޮށްލާ ބަޔެކެވެ. އަޅުގަނޑުމެންގެ ޒުވާނުންނަކީ ރަނގަޅުކަންކަމަށްވުރެ އަވަހަށް ގޯސްކަންކަން ބަލައިގަންނަ ބަޔެކެވެ. ރާއްޖޭގެ މައުހައުލު ބިނާވެފައިވާ ގޮތުން މިހާރު ކިތަންމެ ވަރަކަށް މަތީ ތައުލީމު ހާސިލުކުރިއަސް މިހާރު މިނިސްޓަރަކަން ނުވަތަ ވަޒީފާ ލިބޭނީ އެކްޓިވިސްޓުން ނުވަތަ ސިޔާސީ ގޮތުން އަޑުގަދަ ފަރާތްތަކަށްގިނަބަޔަކު ގަބޫލުކުރަމުން ގެންދެއެވެ. މި ޤަބޫލުކުރުމުގެ ސަބަބުން  މިހާރުއްސުރެ ކުޑަކުދިން ސިޔާސީކުރަން ޖެހިފައިވާކަމަށް އެ ފަރާތްތަކުން ބުނަމުންގެންދެއެވެ. ސިޔާސީކޮށްގެން އެކުދިން އެކްޓިވިސްޓުންނަށް ހަދައިގެން ނޫނީ ދިރިއުޅުމަށް ފައިސާ ހޯދޭނެ ގޮތެއްނެތްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މަތީ ތައުލީމު ހޯދާފަ ތިބި އެތަކެއް ޒުވާނުން މަގުމަތީގައި ކުރާނެ މަސައްކަތެއް ނެތިފައި ވަޒީފާއެއްގެ އިންތިޒާރުގައި ތިބި އިރު މަގުމަތީގައި ހޯބޯ ލަވާ އަވަގުރާނަ ގޮވާ އެތަކެއް ބަޔެއްގެ ޙައްގުތަކަށް އެރި ބަޔަކަށް ވަޒީފާ ލިބެމުންދާ މަންޒަރުފެނުމުން ހިތުގައި ހަމަ އުފެދެނީ ހަމަ ހުސް ސުވާލެވެ. އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން ތައުލީމް ދިނުމަށް ރެޔާއި ދުވާލު މި މަސައްކަތްކުރަމުން ގެންދަނީ ކީއްވެގެންތޯއެވެ؟ އެ ދަރިންގެ މުސްތަޤުބަލަށް ނޫންތޯއެވެ. އަޅުގަނޑުމެންގެ އަމާޒަކީ ނުވަތަ އެދުމަކީ އެ ދަރިން ތައުލީމީ ހަޔާތް ނިންމުމަށްފަހު ޤައުމަށް ޚިދުމަތްކޮށްދިނުން ނޫންތޯއެވެ. މިއަދު މިކަންތައްތައް ވަމުން ދާ ގޮތުން މި އަމާޒަށް އެ ދަރިން ގެންދެވިދާނެކަމާ މެދުގައި ހިތުގައި ސުވާލެއް ނުއުފެދޭތޯއެވެ.!    


 

Facebook Twitter RSS