ހިތް އަތުލުމުގެ ހުނަރުތައް

                          
ކޮންމެ ކަމަކަށްވެސް ހުނަރުތަކެއް ބޭނުންވާނެކަން ތި އެންމެ ކިޔުންތެރިން ޤަބޫލުކުރައްވާނެއެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ދާއިރާއަކުން ނުވަތަ ކަމެއްގެ ހުނަރުވެރިއެކެވެ. އެއްބަޔަކު ކިޔެވުމުން ޑިގްރީތަކާ ފާސްތަަށް ނަގަމުންދާއިރު އެނެއް ބަޔަކު ތަށި މެޑަލްހޯދަމުން ގެންދަނީ ކުޅިވަރުގެ ދާއިރާއިންނެވެ. ކޮންމެ ކަމަކުންވެސް ކުރިއަށް ދިޔުމަށް ބޭނުންވަނީ ހިތްވަރާއި ކެރުމާއި ހުނަރެވެ. ބައެއް ކަންކަމަކީ ތިމާއަށް ޤުދުރަތީ ގޮތުން ލިބިފައިވާ ކަންކަމެވެ.ހުނަރެވެ. އެ ހުނަރުތަށް ލިބިފައިވާފަރާތްތަކުން ކުރަންޖެހޭ ކަމަކީ އެ ހުނަރު ތަރައްޤީކުރުމެވެ. ކުރިން ދެންނެވި ފަދައިން ކޮންމެ ކަމަކީވެސް އެކަމެއްގެ  ހުނަރާ ނުލާ ފުރިހަމަވުން ދަތިކަންކަމެވެ. ޔަހުޔާ ކާޅު ހިފިހެން ބައެއް ފަހަރު ހުނަރާ ނުލާވެސް ކަންކަން ވެފައިވާކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މި ގޮތުން ކޮންމެ އިންސާނަކުވެސް އެ އިންސާނާގެ ޚަޔާތުގައި އެންމެ ލިބުމަށް އެދޭ އެކައްޗަކީ ލޯތްބެވެ. އެ ލޯބި ހޯދުމަށް ބައެއް ފަރާތްތަކުން އެ ފަރާތެއްގެ މުޅި އުމުރު ހޭދަކޮށްލައެވެ. މުޅި އުމުރުދުވަހު އެއްކުރި ފައިސާ ޙަރަދުކޮއްލައެވެ. ރައްޓެހި ރަޙުމަތްތެރިން ދޫކޮއްލައެވެ. މަންމަ ބައްޕަ އަދި އާއިލާ ދޫކޮއްލައެވެ. އާއިލާގެ މީހުންނާ ޒުވާބުކުރެއެވެ. އަދި މި ގޮތަށް އުޅެ ހުސްއަތާ އަނބުރާ އާއިލާ، ރައްޓެހިންގެ ގާތަށް ދެރަ މޫނަކައިގެން އަންނަންޖެހިފައިވާ އެތަކެއް ފަރާތްތަކެއް މި މުޖުތަމަޢުގައި އެބަތިއްބެވެ. ފައިސާ އަށް ކޮންމެ އެއްޗެއްވެސް ގަނެވިދާނެއޭ މީހުން ބުނާތީ އަހަމެވެ. އެހެނަސް ފައިސާ އާއި މުދާ ހުރި ކިތަންމެ ފަރާތަކަށް ހަޤީޤީ ލޯބި ނުލިބިފައި އެބަތިއްބެވެ. އާދޭހެވެ! ލޯބި ޙާޟިލުކުރުމަށް ފައިސާ އާއި މުދާ ހުރުމަކުން ހަމައެކަނި ނުފުދެއެވެ. ހަޤީޤީ ލޯބި ހޯދުމަކީ ބުރަކަމެކެވެ. ވަގުތުތަކެއް ބޭނުންވާނޭކަމެކެވެ. މަސްތަކާއި ދުވަސްތަކާއި އަހަރުތަށް ފާއިތުވެގެން ހިނގައިދާނެކަމެކެވެ. ހަމައެކަނި ހިތްއެދޭ ފަރާތުގެ މޫނު ދެކިދެކި ހުވަފެންތަށް ބެލުމުގައި ދުވަސްތަށް ގުނަންޖެހިދާނެކަމެކެވެ. ފުޓްބޯޅަ ޓީމަކަށް ކޯޗެއް ބޭނުންވާ ފަދައިން ތިބާގެ ލޯބި ކާމިޔާބުކުރުމަށް ކޯޗެއް ބޭނުންވެއެވެ. އެ ކޯޗް ތިބާ އަށް ލޯބި ކާމިޔާބުކުރުމަށް ކުރެވިދާނެ ކަންކަން ތަފުސީލްކޮށް ކިޔައިދޭނެއެވެ. މިއަދު ތިބާގެ ކޯޗަކީ އަޅުގަނޑު ކަމުގައި ޤަބޫލުކުރައްވާ ލޯބީގެ މި މެޗްކާމިޔާބުކުރުމަށް އަޅުގަނޑުގެ އިރުޝާދުގެ ދަށުން މަސައްކަތް ފައްޓަވާށެވެ.

ލޯތްބަކީ ޖަޒުބާތެކެވެ. ތިމާގެ އެދުންތަކެކެވެ. ތިމާގެ ބޭނުންތަކެކެވެ. އެހެނަސް ހަޤީޤީ ލޯތްބަކީ މުޅިންތަފާތު އެއްޗެކެވެ. ތިމާގެ ފިކުރާ ތިމާގެ އެދުންތަށް ޤުރުބާންކުރަންޖެހޭނީ ތިމާ ލޯބިވާ ފަރާތަށްޓަކައެވެ. އެހެންކަމުން ތިމާ ލޯބިވާ ފަރާތް ހާސިލުކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާ ލޯބިވާ ފަރާތް ދެކެ ހަޤީޤީ ލޯބިވުމެވެ. އެ ފަރާތް ތިބާދެކެ ކުޑަކޮށްވެސް ލޯބި މިވަގުތު ނުވިކަމުގައިވިޔަސް ތިބާ އޭނާ ދެކެ ފުރާނައިން ލޯބިވާށެވެ. ޙަޤީޤީ ލޯބިވެވުމުން ލޯބި ހާސިލުކުރުމަށ އަޒުމު ކަނޑައަޅާށެވެ. "ކޮންމެ ހާލެއްގައިވިޔަސް އެ ފަރާތް ހާސިލުކުރާނަން"މި ގޮތަށް އަޒުމު ކަނޑައަޅާށެވެ. އެއަށްފަހު ތިމާ ލޯބިވާ ފަރާތް ހޯދުމަށްޓަކާ ތިބާގެ ދިރިއުޅުމަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތައް ގެނައުމަށް ތައްޔާރުވާށެވެ. ލޯބި ޙާސިލުކުރެވޭނީ ހިތްވަރުގަދަ މީހަކަށް ވެވިގެންނެވެ. ތިމާ ހިތަށް ނާރާ ކިތަންމެ ކަމެއް ކުރިމަތިވާނެއެވެ. އެހެނަސް ތިމާ ހުންނަންވާނީ އެ ހުރިހާ ކަމަކަށް ދުރާލާ ވިސްނާ ތައްޔާރުވެވިފައެވެ. އެތަކެއް ޕްލޭންތަކެއް މިކަންކަން ކުރުމަށް ރާވަންޖެހެއެވެ. މިހެންކަންތައްތައް ދިމާވެދާނެހެން ހީވާ ކޮންމެ ކަމަކަށް ޕްލޭން އެއް ތައްޔާރުކުރުމަކީ ވަރަށް މުޙިއްމުކަމެކެވެ. ފުޓްބޯޅަ ޓީމެއް ދަނޑަށް އަރުވާއިރު ތަފާތު އެތަކެއް ގޮތަކަށް ކޯޗެއް ވިސްނާނެއެވެ. ތިރިން ފާސްކޮށްގެން ކުޅުމަށް ކޯޗްގެ ރޭވުމުގެ A ގައި އޮވެދާނެއެވެ. ނަމަވެސް މި ރޭވުން އިދިކޮޅު ފަރާތްތަކުގެ ކުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ބަދަލުކުރަންޖެހިދެއެވެ. ޕްލޭން A ކާމިޔާބުނުވުމުން ޕްލޭން B އަށް ދާންޖެހެއެވެ. މި ޕްލޭން އަށް ޓީމު ހަމައަކަށް ނޭޅި އުޅެނިކޮށް ޓީމުގެ އެއްކުޅުންތެރިއަކަށް އަނިޔާވެގެން ނުވަތަ ރަތްކާޑު ދެއްކުމުން ދަނޑުން ފޮނުވާލައެވެ. އެހެންކަމުން B ދޫކޮށް ޕްލޭން C ކަށް މަސައްކަތްކުރަންޖެހިދެއެވެ. ހަޤީޤީ ލޯބީގައިވެސް ކަންތައްތައް ވަމުންދާނީ މިހެންނެވެ. އެހެންކަމުން އެކަމަށް ވިސްނާ ތައްޔާރީތަކަށް ވާންޖެހެއެވެ.  ތިމާ ލޯބިވާ ފަރާތް ހާޟިލުކުރުމަށްޓަކައި ކުޑަކުޑަ ދިރާސާއެއް އަމިއްލައަށް ހަދާށެވެ. މި ދިރާސާ ހެދުމުގެ ކުރިން ދިރާސާ މި ހެދެނީ ކީއްކުރަންކަން ދެނެގަންނާށެވެ. މި ދިރާސާ ހެދުމުގެ މައިގަނޑު ބޭނުމަކީ ތިމާ ލޯބިވާ ފަރާތް ވަޒަންކޮށްލުމެވެ. މިންކޮއްލުމެވެ. އޭނާގެ ޙަރަކާތްތަކާ އޭނާ ގަޔާވާކަންކަން ބެލުމެވެ. އޭނާ ޚަޔާތުގެ ބައިވެރިއަކަށް ހެދުމަށް ބޭނުންވަނީ ކޮން މިޒާޖެއް ހުންނަ ފަރާތެއްކަން ދެނެގަތުމެވެ. މިކަންކަން ކުރުމަށް ތިމާ އަށް އެހެން ފަރާތެއްގެ އެހީތެރިކަމެއް ބޭނުންވެދާނެއެވެ. އެހެންކަމުން ތިމާ ހިތްކިޔާ ފަރާތުގެ އެންމެ ގާތް އެކުވެރިޔާ ކިބައިން މި އެހީތެރިކަން ހޯދުމަށް މަސައްކަތް ފަށާށެވެ. މި އެހީތެރިކަން ހޯދާއިރުގައި ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. މި އެހީތެރިކަން ހޯދުމަށް ޕްލޭންތަކެއް ރާވަންޖެހެއެވެ. އެ ރަޙުމަތްތެރިޔާ ގާތުގައި ދައްކާނެ ވާހަކަތަށް ކުރިއާލާ ރާވަންޖެހެއެވެ. މި ބައްދަލުވުމުގައި ތިމާގެ ހިތްރޮއްވާލާ ފަދަ ތިމާ އެތަށް ރެއެއްގައި ކުރި ޕްލޭން މުޅިން ބަދަލުކޮއްލަންޖެހޭ ފަދަ މައުލޫމާތެއް ލިބިގެން ހިނގައިދާނެކަމަށް ތައްޔާރުވާށެވެ. ހިތުގެ ވިންދު ތެޅެމުން ދިޔަކަމުގައި ވީނަމަވެސް ކެތްތެރިކަމާއެކުގައި ކުރިއަށްދާށެވެ. އަބަދުވެސް ކަންކަންދިމާވާނީ އެންމެ ރަނގަޅަށް ކަމުގައި ހީކުރާށެވެ. 

( ނުނިމޭ ) 



Facebook Twitter RSS